ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ހަމްދާން ވިދާޅުވި ގޮތުގައި ހުރިހާ ޔުނިޓެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށްގެން އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ. މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ފްލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ ނުރައްކާތެރި ހާދިސާތަކެއް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނި ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި، ތުއްތު ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރައްކާތެރިކަމަށް އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.





