ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ވިޔަފާރިވެރިން މަކަރު ހަދަން އުޅުނު ނަމަވެސް އެކަން ހުއްޓުވާނެ ކަމަށާއި، ވަކި ބަޔަކު މުއްސަނދިވެފައި އެހެން ރައްޔިތުން ދަތިހާލުގައި އުޅެން ނުޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އޮތް ނިންމުމަކީ ރިސޯޓުތަކަށް އޭގެ ޚަރަދުތަކާއި، ލޯނުތަކާއި، މުވައްޒަފުންގެ މުސާރަ ދިނުމަށްފަހު ފުރިހަމައަށް އަމަލުކުރެވޭނެ ގާނޫނީ އިމެއް ކަމުގެ 100 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.
އަލަށް ތަސްދީގު ކުރެވުނު ބިލްތަކުގެ ދަށުން، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ މައުލޫމާތާއި އެމީހުން ތިބޭ ތަންތަން ބެލެހެއްޓޭނެ ހާއްސަ ސިސްޓަމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގާއިމުވެގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބަޖެޓު ކުޑަކޮށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުން ހުއްޓާލުމަށް ބައެއް ފަރާތްތަކުން އެދުނު ނަމަވެސް، އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ރިސޯޓުތަކުން ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.





