ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް 7 ޓަވަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 9:00 ހާއިރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވިކަން އޭނާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ ބޭރުގައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގައި، 18 އަހަރުގެ ބޮޑުދައިތައަކު ދުއްވަން އިން ސައިކަލެއް ޖެހިގެންނެވެ. ނިޔާވި ކުއްޖާ އިނީ އެ ސައިކަލުގެ ފަހަތުގައެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށް ލިބުނީ ކުދިކުދި އަނިޔާތަކެކެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، އެކްސިޑެންޓްގެ ތެރޭގައި ކުއްޖާ ސައިކަލުން ވެއްޓުނު ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ.





