ދ. ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމި، މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ސައިޓުގައި މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ކީ-ވޯލް (އެއްގަމު ތޮށި) ޖެހުމުގެ މަސައްކަތްތަކެވެ.
Project Update: Design and Build of Dh. Kudahuvadhoo Harbor Upgrade Quay wall installation works are ongoing with 75% project progress Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/No5n1E4XsS
— MTCC Plc (@MTCCPlc) August 31, 2026
ޖުމްލަ 83.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން، 103،122 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 5،545 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 180 މީޓަރުގެ ބޭރުތޮއްޓަކާއި، 372 މީޓަރުގެ އެއްގަމު ތޮއްޓެއްގެ އިތުރުން 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ވަނީ ރޭވިފައެވެ.
އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމުގެ ގޮތުން، 70 މީޓަރު ދިގު، ދެ މީޓަރު ފުޅާ ބްރިޖަކާއި، 90 މީޓަރު ދިގު، ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައަކަށް 2،265 އަކަ މީޓަރުގެ ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ބައްތި އަދި މޫރިންގް ބޯއީސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.





