އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިންތިޚާބުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް އެ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރެއްވުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ނިންމަވައިފިއެވެ.
ޝިޔާމް މިކަން ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި އާންމުކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.އެ ޕޯސްޓުގައި ޝިޔާމް ވިދާޅުވީ، މިއީ ޕާޓީއަށާއި ދިވެހި ޤައުމަށް އިތުރަށް ޚިދުމަތްކޮށް، މެންބަރުން ބާރުވެރިކުރުވުމާއެކު ޕާޓީގެ މުސްތަޤްބަލު ހަރުދަނާ މިސްރާބަކަށް ގެންދިއުމުގެ މަޤްޞަދުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ އިދިކޮޅު ދަތުރުގައިވެސް މެންބަރުންނާއެކު ސާބިތުކަމާއެކު ހުންނެވި ފަދައިން، މިއަދުވެސް ހުންނެވީ އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެގޮތެއްނުވެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕާޓީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މެންބަރުންގެ ތާއީދަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ޕީއެންސީގެ ކޮންގްރެސް އަންނަ މަހުގެ 15 އިން 18 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 1 އިން 8 އަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި 12 މަގާމަކަށް 49 ބޭފުޅުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، ޝިޔާމްގެ އިތުރުން ސަރުކާރާއި މަޖިލީހުގެ އިސް ބޭފުޅުންތަކެއް ވަނީ ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި މުޙައްމަދު ޙުސައިން ޝަރީފް (މުންދު)، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، އަދި މަޖިލިސް މެންބަރުން ކަމަށްވާ އިބްރާހީމް ޝުޖާއު، ފާތިމަތު ސައުދާ އަދި އަސްމާ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.





