ވައިގެމަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި އަތުލައިގަނެވިފައިވަނީ ޖުމްލަ ދެ ކިލޯގެ ކެނަބިސް ބާވަތުގެ މަސްތުވާތަކެއްޗެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއިން ރާއްޖެއަށް އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރާ ކަމަށް ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖު ހާއްސަ ގޮތެއްގައި ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ދިވެހިރާއްޖެއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، ބޯޑަރުގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ކަސްޓަމްސްއިން ދަނީ ވައިގެ ބަނދަރުގައި ފާރަވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު ފަސިންޖަރު އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.





