ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ ތެލާއި މައުދަނާއި ގުދުރަތީ ދިރުންނެތް ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް މި ކަމާ ގުޅޭ ހުށަހެޅުން ހުށަހަޅުއްވައިފައިވަނީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އެވެ.
މި ނިންމުމާއެކު، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ވަސީލަތްތައް ހޯދައި ނެގުމަށާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފިޝަރީޒް މިނިސްޓްރީއާއި ކަމާގުޅުންހުރި އިދާރާތަކުން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ފަންނީ ކަންކަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެފަދަ ވަސީލަތްތައް ހޯދުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، އެ ސިނާއަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ހާއްސަ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ސަރުކާރުން ބުނެފައިވަނީ މި ނިންމުމާއެކު ރާއްޖޭގެ އިގުތިސާދީ މުއްސަނދިކަން ދެނެގަތުމަށާއި އެ ވަސީލަތްތަކުގެ ފައިދާ ގައުމަށް ހޯދުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމުކުރުމަށް ކުރަންޖެހޭ ދިރާސާތައް ސަރުކާރުން މިދިޔަ މާރިޗު މަހު ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ތެލުގެ ރިޒާވެއް ގާއިމުކުރުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރުން ފަދަ މުސްތަގުބަލަށް ފައިދާހުރި މުހިންމު ކަމެކެވެ. މި މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފިޔަވައްސަކަށް ބަޖެޓުން ގިނަވެގެން 150 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވެފައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ އެތެރެކުރުމަށް ސަރުކާރުން ކުރާ ހޭދަ ވަނީ 110 އިންސައްތައަށް އިތުރުވެފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު މަހަކު 116 މިލިއަން ޑޮލަރު ތެޔޮ އެތެރެކުރުމަށް ހަރަދުކުރަންޖެހެއެވެ. އެހެންކަމުން ރާއްޖޭގެ ސަރަހައްދުން ތެލާއި ގުދުރަތީ ވަސީލަތްތައް ހޯދައި ބޭނުންކުރަން ފެށުމަކީ މުސްތަގުބަލުގައި ގައުމުގެ އިގުތިސާދީ ރައްކާތެރިކަމަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ.





