ކާށިދޫއިން ހައްޔަރުކުރި މަސްތުވާތަކެތި ވިޔަފާރިކުރާ 5 މީހުން

ކ. ކާށިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން ކާށިދޫގެ 10 ގެއެއް ބަލައިފާސްކޮށް، ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް، އޭގެ ތެރެއިން ހަތަރު މީހަކު ސުވާލުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބާކީ ތިބި ހަ މީހުން ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ދޫކޮށްލިއިރު، ބާކީ ފަސް މީހުންގެ ބަންދަށް ވަނީ މުއްދަތު ޖަހައިދީފައެވެ. އެގޮތުން، ކ. ކާށިދޫ، ރިހިތަރި، އުމުރުން 30 އަހަރުގެ މުޙައްމަދު އަޙުދާއި، ގދ. ރަތަފަންދޫ، ދިލްޝާދުގެ، އުމުރުން 26 އަހަރުގެ ޣާނިމް މުފީދުގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ. އަދި ގ. މާލެހިޔާ 2 02-13، މާލެ، އުމުރުން 29 އަހަރުގެ މަދީޙް ރަޝީދާއި، ކާށިދޫ ރެޑިއަމްގެ، އުމުރުން 47 އަހަރުގެ ޢަބްދުލްޢަލީމް މުޙައްމަދުގެ އިތުރުން އެ ރަށު ޝަބްނަމްގެ، އުމުރުން 22 އަހަރުގެ ނަޒާން މުޙައްމަދު ޝާކިރުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި އޮޕަރޭޝަންގެ ތެރޭގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 32.55 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް