ރާއްޖެއިން ބުކިން ހަދައިދޭ ބޭރުގެ ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލު ތަސްދީގުކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ގާނޫނަށް ގެނެވުނު އިސްލާހާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް ބެލެވޭ 299.3 މިލިއަން ރުފިޔާއާއި، ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް ބެލެވޭ 1.3 ބިލިއަން ރުފިޔާއާއެކު، ދައުލަތުގެ ބަޖެޓަށް އަހަރަކު އަލަށް 1.6 ބިލިއަން ރުފިޔާ އިތުރަށް ވަންނާނެއެވެ. ބިލު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ، "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތައާރަފްކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އޭގެ ސީދާ ފައިދާ މުޅި ގައުމަށް ކުރާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، ރާއްޖެއިން ބޭރުގައި ހިންގާ އޯފްޝޯ ޕްލެޓްފޯމްތަކުން ޓެކްސް ނެގުމުގައި މިހާތަނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހައްލުކޮށް، ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މި މަހުގެ 23 ވަނަ ދުވަހު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ، ބިލުގައިވާ ބައެއް މަފްހޫމްތައް އިތުރަށް ސާފުކޮށް ތަފްސީލުކުރުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާއެކުގައެވެ. މި އިސްލާހުތަކާއެކު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބެންޖެހޭ ޓެކްސް އާމްދަނީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް