އަލަށް ފާސްކުރި ބިލްތައް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލުގައި ސޮއިކުރެއްވުން

މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބިލު ތަސްދީގުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސަރަހައްދަށް ހާއްސަކޮށްގެން ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާނެ ވަކި އޮފީހެއް އުފެއްދެވީ އެމަނިކުފާނު މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގައި މާލޭގެ ޓްރެފިކް މައްސަލަތަކާއި މަގުތަކުގެ ހާލަތާ ގުޅޭގޮތުން ލިބިވަޑައިގެންފައިވާ ދިގު މުއްދަތުގެ ތަޖުރިބާގެ އަލީގައި ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދުތައް އިތުރުވެ، ދަތުރުފަތުރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ރައްކާތެރިކަމަކާއި ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ގާނޫނުގެ ދަށުން "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އޮފީހެއް އުފެދިގެންދާއިރު، މާލެ ސަރަހައްދުގެ ޓްރެފިކް މެނޭޖްކުރުމަށް ސިޔާސަތުތައް ކަނޑައެޅުމާއި، މަގުތައް ތަރައްގީކުރުމަށް އާބަން ޕްލޭނެއް އެކުލަވާލުމުގެ ބާރު އެ އޮފީހަށް ލިބޭނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކޯޓާ ކަނޑައެޅުމާއި، ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ 30 އިންސައްތައަށް ވުރެ އިތުރުނުވާ މިންވަރަށް އާ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ އުސޫލުތައް ކަނޑައެޅުމާއި އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމުކުރުމުގެ ޒިންމާ ވެސް އުފުލާނީ މި އޮފީހުންނެވެ.

މާލެއަށް ހާއްސަކޮށްގެން ގާނޫނުގައި ހިމަނާފައިވާ ބާބަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އުވިގެންދާ ގޮތަށް (ސަންސެޓް) އެކުލަވާލާފައިވާ ބާބެކެވެ. ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގައި މަގުސަދު ހާސިލުނުވެއްޖެނަމަ، ނެޝަނަލް ރޯޑް ސޭފްޓީ ކައުންސިލަށް ހުށަހަޅައިގެން އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި އޮފީސް އުފެދުމާއެކު، ކުރިން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ދަތުރުފަތުރާ ގުޅޭ ގިނަ ކަންތައްތަކާއި، އެ ކަންކަމުން ލިބޭ އާމްދަނީ ވެސް އަލަށް އުފައްދާ އޮފީހަށް ބަދަލުވެގެންދާނެއެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރާ ގުޅޭ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލުގެ ބާރުތައް ހަނިވެ، އެ ކައުންސިލަށް ލިބެމުންދިޔަ އާމްދަނީ ސަރުކާރުގެ އޮފީހަކަށް ބަދަލުވާތީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވަނީ މި ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް