އެންމެ 3 އަހަރުގެ އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ރެކޯޑްކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހެޅިފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ މ.، ފ.، ދ.، ތ. އަދި ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން މެދުރާއްޖޭގެ ދެކުނުގެ ރަށަކުންނެވެ.
ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކުށުގެ ތުހުމަތުވާ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް ދީފައެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.





