ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ލ. ހިތަދޫގައި ތަރައްޤީކުރާ ނަންބަރު އެކެއް ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް ސާފުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ވަނީ އަމަލީ ގޮތުން ފަށާފައެވެ. މި މަޝްރޫއަކީ ހިތަދޫގެ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ތަފްސީލަށް ބަލާއިރު، ހިތަދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 8.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ހާއްސަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ދަނޑުގެ ސަބްބޭސް އެޅުމާއި، ޓާފް އެކްސްޓެންޝަންގެ މަސައްކަތުގެ އިތުރުން ފެންހިއްކާ ނިޒާމު ގާއިމުކުރުމާއި، ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި ރޭގަނޑު ކުޅެވޭނެހެން ލައިޓިން ސިސްޓަމް ހަރުކުރުން ހިމެނެއެވެ. ސައިޓް ސާފުކުރުމުގެ މަސައްކަތް ނިމުމާއެކު ދަނޑުގެ އަސާސީ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް އާރްޑީސީއިން މައުލޫމާތުދެއެވެ.





