މުއްދަތު ހަމަވާ ޕާސްޕޯޓަށް މުއްދަތު އިތުރުކުރަން ބޭނުން ނަމަ ހުށަހަޅަންޖެހޭނެ

ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނު ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލައަކާ ހެދި ބުކްލެޓް ލިބުން ލަސްވެ، ސްޓޮކް މަދުވުމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރުމުގެ ވަގުތީ އިންތިޒާމްތަކެއް ހަމަޖައްސައިފިއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ ސްޓޮކް ލިބޭނެ ކަމަށް ބެލެވޭއިރު، އިމިގްރޭޝަނުން ވަނީ މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށް ޚާއްޞަ ބަދަލުތަކެއް ގެނެސްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި، ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވާ މީހުންނަށް އާ ޕާސްޕޯޓެއް ހަދައިދިނުމުގެ ބަދަލުގައި، މިހާރު ދޫކޮށްފައިވާ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން 30 އަށް އިތުރުކޮށްދިނުން ހިމެނެއެވެ. މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ކުރިންވެސް އޮންނަ އުޞޫލުން އިމުގާ މެދުވެރިކޮށް އާ ޕާސްޕޯޓަކަށް އެދި ހުށަހެޅުމުން، އިމިގްރޭޝަނުން ގުޅައި، އޮފީހަށް ހާޒިރުވުމުން ސެކިއުރިޓީ ފީޗާތައް ހިމެނޭ ސްޓޭމްޕެއް ޖަހައިދޭނެއެވެ. އަދި އިންޑިއާ ނުވަތަ ސްރީ ލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އަލަށް ޕާސްޕޯޓް ހައްދާނަމަ ދޫކުރާނީ 1 އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ، އައިކާއޯގެ މިންގަނޑުތަކަށް ފެތޭ 8 ސަފްހާގެ އިމަޖެންސީ ޕާސްޕޯޓެކެވެ.

ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމާއި އިމަޖެންސީ ޕާސްޕޯޓުގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދޭއިރު، މި ބަދަލުތަކުގެ ސަބަބުން ދިވެހީންނަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް