އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޖަމީލާ އަލީ ހާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ސަފީރުކަމުގެ މަގާމަށް ޖަމީލާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މިހާރުގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.
ޖަމީލާ އަލީ ހާލިދަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީ ދާއިރާގައި 29 އަހަރު މަސައްކަތް ކުރައްވާފައިވާއިރު، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަން 4 އަހަރު ދުވަހުގެ މުއްދަތަކަށް ކުރައްވާފައިވެއެވެ.
މީގެއިތުރުން، ދިވެހި ދައުލަތުން ޖަރުމަނުވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު 2 އަހަރު ދުވަހު ފުރުއްވާފައިވާއިރު، ޕާޓްޓައިމްކޮށް 20 އަހަރު ވަންދެން ޓީވީއެމްގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.





