ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.
ޒަކާތް ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 12,040,524.09 ރުފިޔާއެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އިތުރުވެފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ނިމިދިޔަ މަހުގެ ތެރޭގައި ޒަކާތު ފަންޑުން ވަނީ 2.80 މިލިއަން ރުފިޔާ ދޫކޮށްފައެވެ. ދޫކުރެވުނު ފައިސާގެ އެންމެ ބޮޑު އިންސައްތައެއް ޚާއްޞަކުރެވުނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 1.75 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 1.48 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ބޭސްފަރުވާގެ އެހީގެ ގޮތުގައެވެ. މީގެއިތުރުން، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ވަނީ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ.
ޒަކާތް ހައުސްއިން މައުލޫމާތު ދެއްވާގޮތުގައި، އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމަށްވާ މުދަލު ޒަކާތުގެ ފައިސާ ދަފުތަރުގައިވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އެއިދާރާގެ އެންމެ އިސް މަސްއޫލިއްޔަތެވެ. އަދި މިފަހަރުގެ ބެހުމުގައި ބޮލަކަށް ޖެހުނު އަދަދު އިތުރުވެގެން ދިއުމަކީ ފަޤީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު ކަމަށްވާއިރު، މިހާރުގެ ނިސާބަކީ 9,353.40 ރުފިޔާއެވެ. މުދަލުގެ ޒަކާތް ވާޖިބުވަނީ ނިސާބުގެ މިންވަރު ހަމަވާ ފައިސާއާއި ތަކެތި އަތުގައި ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، އެއިން 2.5 އިންސައްތަ (40 ބައިކުޅަ އެއްބައި) ގެ ނިސްބަތުންނެވެ.





