ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތީ ދެ ގައުމުން ގަބޫލުކުރާ އެއްގޮތް ކަންތައްތަކާއި، އެއް ގައުމު އަނެއް ގައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ރައީސްގެ ސިޓީފުޅުގައި، ފާއިތުވި 50 އަހަރަށްވުރެ ދިގު މުއްދަތުގައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އިޙްތިރާމުގެ ބިންގާ ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ސަބަބުން އިގްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ފުޅާވެ، ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާއަކީ 1957 ވަނަ އަހަރުގެ އޯގަސްޓް 31 ގައި އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންވި ގައުމެކެވެ. ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޚާރިޖީ ގުޅުން 1968 ގައި ގާއިމުކުރެވުނުއިރު، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ޙާސިލުކުރުމަށާއި ޗުއްޓީ ދަތުރުތަކުގައި ގޮސްއުޅޭ، ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ.





