އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކ. ތިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ 100 އިންސައްތަ މިލްކުވެރިކަން އޮތް ތަނެއް ކަމަށާއި، އެތަނާ މެދު ދޮގު މައުލޫމާތު ނުފެތުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ފަށައި ފުރިހަމަކުރާނެ އެންމެ ބޮޑު އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަކީ މި ބަނދަރު ކަމަށެވެ. އަދި ސަރުކާރުން މި ބަނދަރު ބިނާކުރާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމުގެ ފުރިހަމަ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ތިލަފުށީ ޕޯޓު އިންޑިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި ގޮތަށް، އިންޑިއާ ކުންފުންޏަކަށް ތިލަފުށީ ޕޯޓު ވިއްކާލުމަކީ ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުމުގެ ފުރުސަތު ބޮޑުވެ، ވަޒީފާތައް ދިވެހީންގެ ބަދަލުގައި އިންޑިއާ މީހުންނަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން، އެމަނިކުފާނުގެ ސަރުކާރެއްގައި އެފަދަ ނިންމުމެއް އޮތްނަމަ އެތަން އަނބުރާ އަތުލައި، އެކަމުގައި ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް