ޕީއެންސީގެ ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލުން އަންގާރަ ދުވަހު ހުޅުވާލަނީ

އަންނަ މަހު ބާއްވާ ޕީއެންސީގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން އިޢުލާނުކޮށްފިއެވެ.

ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މަގާމުތަކަށް ކުރިމަތިލުމަށް ޚާއްޞަ ޕޯޓަލެއް ގާއިމްކޮށްފައިވާ ކަމަށާއި، ކުރިމަތިލާ ފަރާތްތަކުން އައިޑީ ކާޑުގެ މައުލޫމާތުގެ އިތުރުން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ސާފުކޮށްފައިވާ ޕޮލިސް އަދި ކޯޓު ރެކޯޑު ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަންނަ މަހުގެ 15 އިން 18 އަށް ބާއްވާ މި ކޮންގްރެސްގައި، ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު ފިޔަވައި އެހެން އިސް މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނެއެވެ. ޕީއެންސީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން، ޕާޓީގެ ވެރިކަމެއް އޮންނައިރު ޕާޓީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި ޗެއާޕާސަނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅެކެވެ. މީގެއިތުރުން، ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާނުކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް