ސިނަމާލެ ބްރިޖުގައި އާންމުކޮށް ސައިކަލު ދުއްވާ ގޮތާ ޚިލާފަށް، ފަރުވާކުޑަކޮށް ސައިކަލު ދުއްވި ޒުވާނެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން އެ މީހާއާއި އުޅަނދު ދެނެގަނެ ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލައިގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުގެ ދަށުން އެ ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، ދުއްވަން އިން މީހާގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.
އަދި މަގުމަތީގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުއްވުމުން އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
ފުލުހުން ވަނީ މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށް، އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެފައެވެ.





