ފުވައްމުލަކު ސިޓީގައި ކާރެއްގެ ވެރިފަރާތަށް އިންޒާރުދީ، ގަދަކަމުން ކާރު އަތުލައިގެން ދުއްވައި އެކި ވެހިކަލްތަކުގައި ޖައްސައި އެކްސިޑެންޓްކުރި މައްސަލައެއްގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އިއްޔެ އިރުއޮއްސި 6:22 ހާއިރު ހިނގި މި ހާދިސާގައި، ފުވައްމުލައް މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ އެ ކާރު ވަނީ ފުރަތަމަ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްފައެވެ. އަދި އެއަށްފަހު މަޑުނުކޮށް ގޮސް، މަގުމަތިން ދިޔަ އެހެން ކާރެއްގައާއި ރުކެއްގައި ޖައްސައި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ ކުޑަކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭއިރު، އޭނާ އެ ކާރު އަތުލާފައިވަނީ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހުގައެވެ.
މި ހާދިސާގައި ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




