ތިލަމާލެ ބްރިޖު އަހަރެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ: ރައީސް މުއިއްޒު

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ކުރިއަށްދާ ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، ތިލަމާލެ ބްރިޖު މެދުވެރިކޮށް ފުރަތަމަ ފަހަރަށް ހިނގާފައި ވިލިމާލެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަންއާއި، ވަޒީރުންގެ އިތުރުން މަޝްރޫއު ހިންގާ އެފްކޮންސް ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު ހުރަސްކޮށް ވިލިމާލެއަށް ދިއުން

ބްރިޖުގެ މެދަށްހާ ހިސާބަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ މުހިންމު އުމްރާނީ މަޝްރޫއެއް ކަމަށެވެ.

މާލެއާއި ވިލިމާލެ މިހާރު އެއްކޮށް ގުޅުވާލެވިފައިވާއިރު، މި ކާމިޔާބީއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެ ގައުމުގެ ސަރުކާރުގެ އިތުރުން ދެފަރާތުގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބްރިޖު ނިމުމުން މުޅި ގްރޭޓާ މާލެ ސަރަހައްދުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، މިއިން ދޭހަވަނީ ސަރުކާރުން މުހިންމު މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމަން އިސްކަންދޭ މިންވަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ތިލަމާލެ ބްރިޖު ހުރަސްކޮށް ވިލިމާލެއަށް ދިއުން

މި ހަރަކާތުގައި ވާހަކަދައްކަވަމުން އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަން ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއެކު ބްރިޖުގެ ނިމިފައިވާ ބައިގައި ހިނގާލުމުގެ ޝަރަފު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.

އިންޑިއާއިން ބޭރުގައި އެ ގައުމުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ދެ ގައުމުގެ ސަރުކާރުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ މި ބްރިޖު ނިމުމުން މިއީ ރާއްޖެއަށް ވަރަށް މުހިންމު އެސެޓަކަށް ވެގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް