އައްޑޫ ސިޓީގެ ރީޖަނަލް އިމަޖެންސީ ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑުގައި

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރަމުންދާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، މިހާރު ވަނީ ފުރާޅުގެ ގިއުގަނޑު ހެދުމާއި ރީއެންފޯސްމަންޓް މަސައްކަތްތައް ނިންމާލާފައެވެ. އަދި މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމާއި ބީމް ކޮންކްރީޓް ކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި މަޝްރޫއަކީ 4338 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާއަށް ނަގާ އިމާރާތެކެވެ. މީގެ ކޮންމެ ފަންގިފިލާއެއްގައި 2368 އަކަފޫޓު ހުންނާނެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތުގެ ތެރެއިން—ފޮޓޯ: އެމްޓީސީސީ

މިއީ 6.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މީގެ އަމަލީ މަސައްކަތް ފެށީ ފާއިތުވި އަހަރުގެ ނޮވެމްބަރު 5 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައެވެ. 17،590 މީހުން ދިރިއުޅޭ ހިތަދޫގައި މިފަދަ މަރުކަޒެއް ގާއިމުކުރުމުން، ކާރިސާތަކުގައި އައްޑޫގެ ރައްޔިތުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ.

މިއީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް