މި އަހަރުގެ އޯގަސްޓު 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 27.60 ބިލިއަން ރުފިޔާއަށް އަރައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
މާލީ ކަންތައްތަކާއި ސަރުކާރުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު 25 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުވުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރު ލިބުނު 6.88 ބިލިއަން ރުފިޔާއަށްވުރެ 512.1 މިލިއަން ރުފިޔާ (7.4 އިންސައްތަ) އިތުރު އަދަދެކެވެ. މީގެ އިތުރުން ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 3.53 ބިލިއަން ރުފިޔާ (10.8 އިންސައްތައިގެ ކުރިއެރުމެއް) އަދި ގްރީން ޓެކްސްގެ ގޮތުގައި 1.40 ބިލިއަން ރުފިޔާ (6.2 އިންސައްތައިގެ ކުރިއެރުމެއް) ވަނީ ލިބިފައެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާއަށް އަރައި، 12.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 5.6 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވީ ނަމަވެސް، ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ބަޖެޓުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް، ހިލޭ އެހީގެ ގޮތުގައި 455.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި އަހަރު ލިބުނު 221.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.
އާމްދަނީ އިތުރުވުމާ ގުޅިގެން ދައުލަތުގެ ބަޖެޓު ޑެފިސިޓް ވަނީ ކުރީ އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ ކުރެވިފައެވެ. މިހާތަނަށް ޖުމްލަ ޑެފިސިޓް 1.1 ބިލިއަން ރުފިޔާގައި ހުރިއިރު، ދަރަނި އަދާކުރުމުގެ ހަރަދު އުނިކުރުމުން ޕްރައިމަރީ ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ އަރަނީގައެވެ. ބަޖެޓު ޑެފިސިޓް ކުޑަވުމަކީ ދަރަންޏަށް ފައިސާ ނަގަންޖެހޭ އަދަދު މަދުވެ، ރާއްޖޭގެ ދަރނީގެ ހާލަތު ރަނގަޅުކުރުމަށް އިގްތިސާދީ މާހިރުން އިރުޝާދުދޭ މުހިންމު ފިޔަވަޅެކެވެ.





