ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތައް ލިބެމުންދާ ފަރާތްތަކުގެ ދަފްތަރު އަލުން މުރާޖައާކުރުމުގެ ގޮތުން، އެ ޕްރޮގްރާމްތަކުގައި އަލުން ބައިވެރިވުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހުޅުވާލައިފިއެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި، މި އިސްލާހީ ފިޔަވަޅުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އިންސާފުވެރިކަމާއި ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީ ލިބެމުންދާކަން ކަށަވަރުކުރުމެވެ.
މި ގަވާއިދުގެ ދަށުން ޝަރުތުފުރިހަމަވާ ފަރާތްތަކަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަހުން މަހަށް ބަހާލައިގެން އެހީ ހަމަޖައްސައިދޭއިރު، 2024 ނޮވެމްބަރުގެ ނިޔަލަށް އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން މެދުކެނޑުމެއްނެތި އެހީ ބޭނުންވާނަމަ މި މަހުގެ ނިޔަލަށް ފޯމު ހުށަހަޅަންޖެހެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ފޯމު ނުލާ ފަރާތްތަކަށް ދެން އެހީ ލިބޭނީ އަލުން އެދޭ ފަރާތެއްގެ ގޮތުގައި ބަލައި، ޝަރުތުތައް އަލުން ވަޒަންކުރުމަށްފަހުގައެވެ.
އެންސްޕާއިން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެނީ އެކަނިވެރި މައިންނާއި ބަފައިންނަށާއި، މައިންބަފައިންގެ އަޅާލުން ނުލިބި އެހެން މީހުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށާއި، އަދި އަސާސީ ކާބޯތަކެތި ހޯދުމުގެ ތަނަވަސްކަން ނެތް ފަގީރު އާއިލާތަކަށެވެ.
ވޭތުވެދިޔަ މަހު އެކަނިވެސް އެކަނި ދަރިން ބަލަހައްޓާ 3،313 ފަރާތެއްގެ 5،687 ކުދިންނަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އެހެން މީހުންގެ އެހީގައި ދިރިއުޅޭ 132 ކުއްޖަކާއި އެކުދިން ބަލަހައްޓާ 98 މީހަކަށް 181،000 ރުފިޔާ އަދި ކާބޯތަކެތީގެ އެހީގެ ގޮތުގައި 659 މީހަކަށް 26،360 ރުފިޔާ ވަނީ ދޫކޮށްފައެވެ. ދަފްތަރު އަލުން މުރާޖައާކުރަން ފަށާފައި މިވަނީ، 2020 އިން ފެށިގެން މޮނިޓަރިން ސެކްޝަން ބޮއްސުންލައި މައުލޫމާތު އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، ނިޔާވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.




