ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 17 އަށް އިތުރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 17 އަށް އިތުރުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އަށް ވަނީ އިތުރުކުރެވިފައެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (8/2010) އާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.

މި އެވޯޑުން ޙާޞިލްކުރުމަށް ބޭނުންވާ ނަޠީޖާ:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ހިތްވަރު ދިނުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމަޢުގެ ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުން
  • ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުން

މި އެވޯޑު ދެވެނީ ޖުމްލަ 06 ކެޓަގަރީއަކުންނެވެ. އެ ދާއިރާތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ، އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް) ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ، ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)

ެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އެވޯޑު ދިނުމުގެ އުޞޫލު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އުމަރު ޒާހިރު އޮފީސް ބިލްޑިންގ ގެ ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް health.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ޤާއިމް ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް