މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ހަފުތާއެއްގެ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކުން ދައްކާގޮތުގައި، ނިމުނު އަހަރާ އަޅާބަލާއިރު ސަރުކާރުން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 9.1 އިންސައްތަ އިތުރުވެ 3.26 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އޯގަސްޓު 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 28.74 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުވި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. އެގޮތުން ރިކަރަންޓު ހޭދަ 20.8 އިންސައްތަ އިތުރުވެ 24.09 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކައުންސިލްތަކަށް ދޫކުރި ގްރާންޓު 15.8 އިންސައްތަ އިތުރުވެ 1.66 ބިލިއަން ރުފިޔާއަށް އަދި ސަބްސިޑީއަށް ކުރި ހަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
ކެޕިޓަލް ހަރަދުތަކުގެ ތެރެއިން އުމްރާނީ ތަރައްގީއަށް ކުރެވުނު ހޭދައަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 47.1 އިންސައްތަ އިތުރުވެ 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރުތަކަށް ކުރި ހަރަދު 63.9 އިންސައްތަ އިތުރުވެ 284 މިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
މީގެއިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުގެ މަޝްރޫއުތަކަށް 981.3 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު ވަނީ 815.2 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ހަރަދުވި 582.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.





