މާލޭގައި ގޭސް ލީކުވެ ހިނގި ހާދިސާގައި ނިޔާވި އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ރސ 6210، ޒާހިދާ ތައުފީގު (51އ) އަލްމަރުހޫމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި އާއިލާއާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
ދިލްކުޝާ ގޯޅީގައި ހުންނަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާތީ، މިއަދާ ހަމައަށް ޒާހިދާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ނުހަދައި ހަށިގަނޑު ހަވާލުކުރި ސަބަބާ ގުޅޭގޮތުން ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގައި ޒާހިދާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. އަދި އޭނާގެ 19 އަހަރުގެ އަންހެން ދަރިފުޅަށްވެސް އަނިޔާވެގެން ފަރުވާދީފައިވާއިރު، އެ ކުއްޖާގެ ހާލު ސީރިއަސްވެ، ހައިޕަބެރިކް ޗެމްބާގައި ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާގެ ހާލަތު މިހާރު އަންނަނީ އިސްލާހުވަމުންނެވެ.





