ރ. މީދޫ ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް: ވެލި އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ރ. މީދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކާ ސަރަޙައްދުގެ ވަށައިގެން ވެލި ފުނިޖެހުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ މީދޫގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ހިންގަވާ މުހިންމު ތަރައްގީގެ މަޝްރޫއެކެވެ.

މީދޫގެ ބިން ފުރިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ރަށުގެ ފަޅުގައި ބޮޑު ސަރަހައްދެއް ހިއްކެން ނެތްކަމުގައި ވީނަމަވެސް، ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ކައުންސިލުން ފާހަގަކޮށްފައިވާ ގޮތަށް، ގާތްގަނޑަކަށް 8 އާއި 10 ހެކްޓަރާ ދެމެދުގެ ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. މި މަޝްރޫއު ނިމުމާއެކު މީދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގެ ކުރިއެރުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް