ދިވެހިރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ "އިންޝުއަރެންސަށް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދު" އާއި "އިންޝުއަރެންސްގެ އާންމު މާއްދާތަކުގެ ގަވާއިދު" މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލައި ވަނީ އާންމުކޮށްފައެވެ.
މި މަހުގެ 14 ގައި އާންމުންގެ ހިޔާލަށް ހުޅުވާލުމަށްފަހު، 27 ވަނަ ދުވަހު ޝާއިއުކުރި މި އާ އުސޫލުތަކުގެ ދަށުން، ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
ރިސްކާ ބެހޭ ގަވާއިދުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި ހުރި ރިސްކުތައް ކަނޑައެޅުމާއި، އެފަދަ ރިސްކުތައް ކަވަރުކުރުމަށް ރާއްޖޭގައި ލައިސެންސް އޮންނަ ކުންފުންޏަކުން ޕޮލިސީ ނެގުމުން އިސްތިސްނާ ލިބޭނެ ހާލަތްތަކާއި، ބޭރުގެ އިންޝުއަރެންސް ނެގުމުގައި އަމަލުކުރާނެ އުސޫލުތަކެވެ.
އަދި އިންޝުއަރެންސްގެ އާންމު ގަވާއިދުގައި ވަނީ އިންޝުއަރެންސް ވިޔަފާރިއާއި ބްރޯކަރުންނަށް ލައިސެންސް ދިނުމުގެ ޝަރުތުތަކާއި، ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކުގެ މިންގަނޑުތައް، އިންޝުއަރެންސް ފަންޑު ގާއިމުކުރުން އަދި އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކޮށްފައެވެ.





