ޑޮލަރު މާރުކުރަން ލާޒިމުކުރުމަކީ ރައްޔިތުންގެ މަސްލަހަތުގައި ނިންމެވި ދުރުވިސްނޭ ނިންމެވުމެއް: ނައިބު ރައީސް

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާއަށް މާރުކުރަން ގާނޫނުން ލާޒިމުކުރުމަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ނިންމެވި ދުރުވިސްނޭ ނިންމެވުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ތާށިކަމަށް ނިމުމެއް ގެނެސް، އިގުތިސާދުގައި ޑޮލަރު ދައުރުކުރުވުން އިތުރުކުރުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުންނާއި މަޖިލީހުގެ ކޮމިޓީތަކުގައި މި ވާހަކަ ދެކެވުނު ނަމަވެސް، އެއްވެސް ވެރިއަކަށް މި ފިޔަވަޅު އަޅުއްވަން ކެރިވަޑައިނުގަތް ކަމަށާއި، ރައީސް ޑރ. މުއިއްޒު އިސްކަންދެއްވީ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ފައިދާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިގުތިސާދީ ހާލަތު ދަށަށް ގޮސް ޑޮލަރުގެ މައްސަލަ ބޮޑުވީ ކުރީގެ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ނައިބު ރައީސް ތުހުމަތުކުރެއްވިއެވެ. އެމްޑީޕީގެ ސަރުކާރުގައިވެސް މި ނިޒާމު ތަންފީޒުކުރަން އުޅެފައި ފަހަތުފަޔަށް ބުރަވީ ކަމަށާއި، ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ ހައްގުގައި މި ނިންމެވުމައިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މި ގާނޫނަށް މަޖިލީހުން ބަދަލު ގެނައީ ރިސޯޓުތަކުގެ ޖަމިއްޔާ (މަޓީ) އިން އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މަޓީން ބުނެފައިވަނީ ރިސޯޓުތަކުން ތެލާއި، މުސާރަ، ސާވިސް ޗާޖު، އެކި ބާވަތުގެ ޓެކްސްތައް، ކުލި އަދި ބޭރުގެ ލޯނުތައް ދައްކަންޖެހެނީ ޑޮލަރުން ކަމަށްވާތީ، އާމްދަނީގެ 40 ޕަސެންޓް މާރުކުރުމަކީ ސިނާއަތަށް ތަހައްމަލު ކުރެވޭނެ ވަރަށްވުރެ ބޮޑު ބުރައެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް