ސިނަމާލެ ބުރިޖަކީ ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުރިޖު ސަރަޙައްދަށް ވަޑައިގެން އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުޢިއްޒު ވަނީ ބުރިޖު މަޝްރޫޢުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރާއި ހުޅުވުނު ދުވަހުގެ ފޮޓޯތައް ބައްލަވާލައްވާފައެވެ.
މި މުނާސަބާއާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ހަމައެކަނި އުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ދެޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި، ޔަޤީންކަމާއި، ގާތް ރަޙުމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއް ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަޤުބަލުގައި އިތުރު ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
2018 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ހުޅުވި 1.38 ކިލޯމީޓަރުގެ ދިގު މި ބުރިޖަކީ ރާއްޖޭގައި ހިންގި އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ރައީސް މުޢިއްޒު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނަވައިގެން ކުރިއަށްގެންދެވި މި މަޝްރޫޢަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރު، އޭގެ ތެރޭގައި ޗައިނާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 170 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުން ކުރި 30 މިލިއަން ޑޮލަރުގެ ޚަރަދު ހިމެނެއެވެ.





