ފުވައްމުލަކު މޫޑިގެ ކުރިމަތިން މަސްތުގެ ހާލަތުގައި ހުރެ ކާރެއް ދުއްވި ފިރިހެނަކު، ކުޑަކުއްޖަކާއެކު އަންހެނަކު ދުއްވަމުންދިޔަ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކުރުމަށްފަހު، އެހެން ކާރަކާއި ރުކެއްގައި ޖެހުނު މައްސަލައެއްގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އިއްޔެ އިރުއޮއްސި 6:22 ހާއިރު ހިންގި މި ހާދިސާގައި، ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓްތައް ހިންގި މީހާ ކާރު ދުއްވާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެންނެވެ. އަދި އެ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވޭއިރު، މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.





