ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
މާދަމާ އަޑުއެހުން ތާވަލުކޮށްފައިވަނީ ޢަލީ ހައިޝަމް އަދި ފަހުމީ ޢަލީގެއެވެ. ފަހުމީގެ އަޑުއެހުން ހެނދުނު ނުވައެއްޖަހާއިރު ތާވަލުކޮށްފައިވާއިރު، ހައިޝަމްގެ އަޑުއެހުން އޮތީ މެންދުރުފަސް ދޭއްޖަހާއިރުއެވެ. ފަހުމީގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާއިރު، ހައިޝަމްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިންކަމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ޖުމްލަ ދިހަ މީހެއްގެ މައްޗަށް ޝަރީއަތް ކުރިއަށްދާއިރު، މިހާތަނަށް ހުކުމް އިއްވާފައިވަނީ ދެ މީހެއްގެ މައްޗަށެވެ. އެއީ އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށް އިއްވި ތޭވީސް އަހަރުގެ ޖަލު ހުކުމާއި، ޢަބްދުﷲ ޢަލީ މަނިކުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމެވެ. އަދި ހަމަލާގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވުނު މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރި ދައުވާ ސާބިތުވެފައެއް ނުވެއެވެ. މީގެއިތުރުން މުޖާޒް އަހުމަދު، ތަހުމީން އަޙުމަދު، މުޙައްމަދު ނާޒިމް އަދި އިސްހާގުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީއަތްތައް އަދިވެސް ދަނީ ކުރިއަށެވެ.
މި ހަމަލާއާ ގުޅިގެން އެކަމަށް ޚަރަދުކުރި މީހުން ހޯދުމުގެ ތަހުގީގުތައް އަވަސްކޮށް، ވީއެންމެ އަވަހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ފުލުހުންގެ މައްޗަށް ވަނީ އަންގާފައެވެ.





