ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިސްޓް ހިދުމަތެއް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިސްޓް ހިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ފެށިގެންދިޔަ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ގޭސްޓްރޯއެންޓެރޮލޮޖީ (ބަނޑާއި ގޮހޮރުގެ ބަލިތައް)، ނިއުރޮލޮޖީ (ނާރުގެ ބަލިތައް) އަދި ޔޫރޮލަޖީ (ކުޑަކަމުދާ ނިޒާމުގެ ބަލިތައް) ގެ ހިދުމަތެވެ.

މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ. މި ހިދުމަތްތަކާއެކު އެ ހޮސްޕިޓަލުގައި ހާއްސަ ނިއުރޯ ސައިންސް ޔުނިޓެއްވެސް ވަނީ ހުޅުވާފައެވެ.

ހިދުމަތްތައް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ގީލާ އަލީ ވިދާޅުވީ، ހުޅުމާލޭގައި މި ހިދުމަތް ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮތް ބާރު ކުޑަކޮށް ވެއިޓްލިސްޓް ކުޑަކުރުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިއުން މަދުކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މީގެ ކުރިން މާލެއަށް ގޮސްގެން ހޯދަންޖެހޭ ނިއުރޯގެ ކޮންސަލްޓޭޝަނާއި އީއީޖީ ހެދުމާއި، ޔޫރޮލަޖީ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ޓެސްޓްތައް އަދި ގޭސްޓްރޯގެ ކޮންސަލްޓޭޝަން މިހާރު ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީއާއި ކޮލޯނޯސްކޯޕީގެ ހިދުމަތް ފެށުމަށް ރޭވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލަށް ހުޅުވި ނިއުރޯ ސައިންސް ޔުނިޓްގެ އީއީޖީ ހިދުމަތް ރަސްމީ ގަޑިތަކުގައި ލިބޭނެއިރު، މެންދުރު 2:00 އާ ހަމައަށް ނަންނޯޓު ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި 24 ގަޑިއިރު މި ހިދުމަތް ފޯރުކޮށްދެވޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ޓަރޝަރީ ފެންވަރަށް ބަދަލުކޮށްފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ހިދުމަތް ފުޅާކުރުމަށްޓަކައި 4 އޮޕަރޭޓިންގ ރޫމްގެ ތިއޭޓަރު ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ ނިއޯނޭޓަލް އައިސީޔޫއެއް (އެންއައިސީޔޫ) ވެސް ވަނީ ގާއިމުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް