ހުޅުމާލެ ހޮސްޕިޓަލުން 15 ދާއިމީ ނަރުހުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިއުލާނުގައިވާ ގޮތުން، މި މަގާމުތަކަށް ކުރިމަތިލެވޭނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިން ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.
މި ވަޒީފާތަކުގެ މުސާރައާއި އެލަވަންސްތަކަށް ބަލާއިރު، ޕީ.އެސް 5 ރޭންކުގެ ރެޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 11،428 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 5،333 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަހަކު 144 ރުފިޔާ ލިބޭނެއެވެ. އަދި ޕީ.އެސް 7 ރޭންކުގެ ރެޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 13،057 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 6،094 ރުފިޔާ އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަހަކު 165 ރުފިޔާ ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ކުރިއަށް އޮތް އަންގާރަ ދުވަހުގެ މުހިންމު ސުންގަޑި ކަމަށްވާ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގުގެ 4 ވަނަ ފަންގިފިލާއަށް ސިޓީ ހުށަހަޅަންޖެހޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް ފޮނުވުމަށް ހުޅުމާލެ ހޮސްޕިޓަލުން އެދެއެވެ.





