މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއެއް 21 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހާމަކުރި ގޮތުގައި މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޔާއަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެކެވެ. އާ އަގުގައި ފެލިވަރު ބަނދަރާއި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކުއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ގދ. ތިނަދޫ، ލ. މާމެންދޫ، މާލެ އަދި ރ. މަޑުއްވަރީ ބަނދަރުން ވެސް މަސް ގަންނަމުންދާނެއެވެ.

މިފްކޯއިން އެންމެ ފަހުން މަހުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެ މަހު ކަޅުބިލަމަހުގެ ކިލޯއެއްގެ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މީގެ ކުރިން މަހުގެ އަގު މާކެޓް ރޭޓާ އެއްގޮތަށް ބަދަލުވާން ދޫކޮށްލުމަށްފަހު، ކަޅުބިލަމަސް ކިލޯއެއް 16 ރުފިޔާއަށް ވެސް މިފްކޯއިން ގަނެފައިވެއެވެ. ކަޅުބިލަމަހުގެ އިތުރުން، ބޮޑުކަންނެލީގެ އަގުތަކަށް ބަލާއިރު 10 އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ވިއްކާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ވިއްކަނީ 25 ރުފިޔާގެ ރޭޓުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް