ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހަށް ނެރެން އާންމު މެންބަރުން ބާރުއަޅަން ފެށުމުން "ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން ނުކުމެވަޑައިގެންނެވި ކަމަށް ފެތުރުނު ވާހަކަތައް ދޮގުކުރައްވައި، ރައީސް ނަޝީދާއެކު ފެއްޓެވި ސިޔާސީ މަސައްކަތުގައި އަދިވެސް ސާބިތުވެ ހުންނެވި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހާމަކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ "ބޮޑު ބަދަލު" ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން އޭނާ ނުކުމެވަޑައިގެންނެވި ނަމަވެސް، އެއީ އެ ހަރަކާތާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. އަދި އޭނާއާއި ރައީސް ނަޝީދު އަދި ދެ ބޭފުޅުންގެ ޓީމު ގުޅިގެން ކުރައްވާ މަސައްކަތް ނިންމާލާނީ ރާއްޖެއަށް ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގްރޫޕުން ނުކުމެވަޑައިގަތުމުގެ ކުރިން ފޮނުއްވި މެސެޖުގައި ފައްޔާޒް ވިދާޅުވެފައިވަނީ އެ ގްރޫޕް އުފެއްދި ބޭނުން މިހާރު ކެނޑިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ކުރިން ވާދަވެރިކޮށް ފެނުނު ނަޝީދާއި ފައްޔާޒު އެމްޑީޕީގެ ތެރެއިން އެއްކޮށް މަސައްކަތް ފެއްޓެވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދު ގެންނަވަން ފެއްޓެވި ކެމްޕޭނާއެކުގައެވެ. އޭގެ ފަހުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒު ގެންނަވަން ނަޝީދު ތާއީދުކުރެއްވިއިރު، ދެ ބޭފުޅުން އެކުގައި ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ މެނިފެސްޓޯއެއް އެކުލަވާލައްވާފައެވެ.

"ބޮޑު ބަދަލު" މެނިފެސްޓޯގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ "މަސްހުނި ނިޒާމަކަށް" ބަދަލުކުރުމެވެ. މިދިޔަ އޭޕްރިލް މަހުގެ 19 ވީ ދުވަހު ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވި ގޮތުގައި، އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާއާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމެކެވެ. ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ސީދާ ވޯޓަކުން ދައުލަތުގެ އިސްވެރިޔާ އިންތިހާބުކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި، ރާއްޖޭގައި މިހާރު އޮތް ނިޒާމަކީވެސް މަސްހުނި ސިފަތަކެއް ހުރި ނިޒާމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް