އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އޭނާއާއެކު ދިޔަ ބައެއްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ދައުވާކުރި ދެ މީހުން ކުށަށް އިއުތިރާފުވުމުން، އެ ދެ މީހުން މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ މ. ކޯރަސްގެ، އަހުމަދު ރައިހާން ނައީމް އާއި ގއ. ދާންދޫ، ސަންލައިޓުވިލާ، އަހުމަދު ރިޝްމާހުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ މާޗު 2025 ގައި މަރިޔަމް ޒުބައިރު މަގުމަތިން ހިނގާފައި ދަނިކޮށް، ސައިކަލެއްގައި އައި ދެ މީހަކު އޭނާގެ ގަޔަށް ކަޅުތެޔޮ ޖެހުމުންނެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ގުޅިގެން ރާއްޖޭގައި ވޭޕް މަނާކުރި ކަމަށް ބުނެ މަންދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެން މަސްރަހު ހޫނުވެފައިވަނިކޮށް ހިނގި ހާދިސާއެކެވެ. މައްސަލައިގެ ތަހުގީގަށްފަހު ދައުލަތުން ރައިހާންގެ މައްޗަށް ކުރީ ގައިގައި އަތްލުމުގެ ދައުވާއާއި މުދަލަށް ގެއްލުންދިނުމުގެ ދައުވާއެވެ. އަދި އެކަމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ރިޝްމާހުގެ މައްޗަށް ކުރީ މުދަލަށް ގެއްލުންދިނުމުގައި ބައިވެރިވުމުގެ ދައުވާއާއި ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު، ދެ މީހުންވެސް ފުރަތަމަ އެދުނީ ދައުލަތާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހެދުމުން ދެ މީހުންވެސް ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން އަދަބު ލުއިކޮށްދިނުމަށްފަހު، ރައިހާންގެ މައްޗަށް އިއްވީ ޖުމްލަ 40 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ގައިގައި އަތްލުމުގެ ކުށަށް 27 ދުވަހުގެ ޖަލު ހުކުމަކާއި މުދަލަށް ގެއްލުންދިނުމުގެ ކުށަށް 13 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ހިމެނޭ ރިޝްމާހަކީ މީގެ ކުރިން ކުށުގެ ރެކޯޑު އޮތް މީހަކަށްވާތީ އޭނާގެ އަދަބު މަތިކުރެވުނު ނަމަވެސް، ކުށަށް އިއުތިރާފުވުމުން ލިބުނު ލުޔާއެކު އަދި ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު އޭނާގެ މައްޗަށް އިއްވީ 38 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ މުދަލަށް ގެއްލުންދިނުމުގައި ބައިވެރިވުމުގެ ކުށަށް 20 ދުވަހުގެ ޖަލު ހުކުމަކާއި ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށަށް 18 ދުވަހުގެ ޖަލު ހުކުމެކެވެ.





