ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ.
އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ގޮތުން ހާސިލުކުރަން ބޭނުންވި މަގުސަދު ހާސިލުވެފައިވީ ނަމަވެސް، ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ އަދިވެސް ދެކިވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ.
މި ނިޒާމުގެ ދަށުން ދިވެހިރާއްޖޭގެ ފުރަތަމަ ދެވަނަ ދައުރެއް ލިބޭ ވެރިއަކަށް ރައީސް މުއިއްޒު ވެވަޑައިގަތުމަކީ އެދޭ ކަމެއް ކަމަށާއި، އެކަން ހާސިލުކުރުމަށްޓަކައި ފުރުސަތު ލިބުނު މިންވަރަކުން މަސައްކަތް ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ދެމިހުރުމަށްފަހު، ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަން ކުރެއްވުމުގެ ސިފަތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަކީ ގައުމީ ވިސްނުމުގެ އަދި ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ގައުމު ހިންގަވަނީ ގައުމުގައި ހުރި ބޮޑެތި ކަންތައްތަކަށް އިސްކަންދެއްވައިގެން ކަމަށާއި، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލާއި، އިސްލާމްދީނަކީ ވަކި ނުކުރެވޭނެ އެއްޗެއްކަން ދެނެވަޑައިގެން ހުންނަވައިގެން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޕާޓީ ނިޒާމުގެ ތެރެއިން ގައުމު ހިންގަވާއިރު ޕާޓީ ހަރުދަނާކޮށް ހިންގެވުމަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ވެރިޔެއްގެ ގޮތުގައި އަބްދުއްރަހީމް، ރައީސް މުއިއްޒު ސިފަކުރެއްވިއެވެ.





