އޮރިޔާން ކާޑު ވިއްކައި ވިޔަފާރިކުރި މީހުން

ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލްތައް ހަދައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކޮށް، ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށާއި ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައިގައި ހުކުމް އިއްވާފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީއާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙްގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަކުގެ 14 އިލެކްޓްރޯނިކް އާލާތަކާއި، އެ މީހުންގެ ނަމުގައި ހަދާފައިވާ 9 ޓެލެގްރާމް އެކައުންޓެއްގެ އިތުރުން 571 ޓެލެގްރާމް ޗެނަލެއް ވަނީ ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް ސީޒްކޮށްފައެވެ. މިއިން ޗެނަލްތައް މެދުވެރިކޮށް 241،651 ފޮޓޯއާއި 86،618 ވީޑިއޯ އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯވެސް ހިމެނެއެވެ. އަދި ޚާއްޞަކޮށް ކުޑަކުދިންގެ އޮރިޔާން މަންޒަރު ދެއްކުމަށް އެކަނިވެސް 43 ޗެނަލެއް ހިންގާފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ. މި ޗެނަލްތަކަށް ފައިސާ ދައްކައިގެން 34،680 މީހުން ސަބްސްކްރައިބްކޮށްފައިވާއިރު، ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ވަނީ 2 މިލިއަނެއްހާ ރުފިޔާގެ ނަހަމަ އާމްދަނީއެއް ހޯދާފައެވެ.

 މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްތަކަށް ބަލާއިރު، ޒުބައިރު ޢަލީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާއަކަށް ވަކިވަކިން ވަނީ ހުކުމް އިއްވާފައެވެ. އެއީ 18 ދުވަހުގެ ޖަލު ހުކުމަކާއި، 1 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 9 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ މައްސަލައިގައި ޒުބައިރުގެ މައްޗަށް 2 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 600،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ނާޞިފް ޢަލީގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 2 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 263،232 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އިސްމާޢީލް ޒަބީޙްގެ މައްޗަށްވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 2 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް