މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތިލަފުށި ޕޯޓް އިމާރާތް ތަރައްޤީކޮށް އެތަނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އިއުލާންކޮށްފައެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢަށް ޝައުގުވެރިވާ ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަރުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހުގެ ސުންގަޑިއަކީ އަންނަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ފަރާތްތަކުގެ ތެރެއިން އެއް މެންބަރަކީ "ލީޑް ޕާޓްނަރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ހުށަހެޅުންތައް ވަޒަންކުރުމުގައި، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ތަޖުރިބާއާއި، ފަންނީ ގާބިލުކަން އަދި މާލީ ތަނަވަސްކަމަށް ބަލާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
ތިލަފުށި ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން ތިލަފުއްޓަށް ބަދަލުކުރެވޭ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިންގ، ވެއަރހައުސިންގ، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސްގެ ހުރިހާ ވަސީލަތްތަކެއް ތަރައްޤީކުރެވިގެންދާނެއެވެ. މީގެއިތުރުން، މި ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައްވެސް ގާއިމުކުރެވޭނެއެވެ. އަދި މިއީ 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް އެކުލެވިގެންވާ ތަނަކަށް ވެގެންދާނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޕޯޓްގެ ހިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މި މަޝްރޫޢަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ފަރުމާކުރެވިފައިވާ މަޝްރޫޢެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.





