މިއަހަރުގެ މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 172،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މިމަހުގެ މިހާތަނަށް 172،487 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 168،698 ފަތުރުވެރިންނާ އަޅާބަލާއިރު 2.2 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު އަދިވެސް އުޅެނީ ދަށްކޮށެވެ. އަހަރުގެ މިހާތަނަށް ޖުމްލަ 1,427,104 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,483,086 ފަތުރުވެރިންނާ އަޅާބަލާއިރު 3.8 އިންސައްތައިގެ ދަށްވުމެކެވެ. މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5,996 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ އެންމެ ކުރީގައި އުޅެނީ 18.7 އިންސައްތައިގެ ހިއްސާއާއެކު ޗައިނާއެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން 262,120 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ރަޝިއާއިން 205,187 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 108,909 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން ހަތަރުވަނައިގައި އޮތް އިޓަލީވިލާތުން 91,798 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް ޖަރުމަނުވިލާތުން 85,984 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 1,028,660 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ތިބި ގެސްޓުހައުސްތަކުގައި 310,476 މީހުން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 32,925 ފަތުރުވެރިން އަދި ސަފާރީތަކުގައި 25,972 ފަތުރުވެރިން ވަނީ ތިބެފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާގެ މައުލޫމާތުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1,323 ތަނެއް ހުޅުވާފައިވާއިރު، މި ތަންތަނުގެ ޖުމްލަ އެނދުގެ ކެޕޭސިޓީއަކީ 68,506 އެވެ.





