މާލޭ

ކުރިއަށް އޮތް ތިން މަހުވެސް ރާއްޖޭގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގެ ހާއްސަ ބަޔާނެއް ވަނީ ނެރެފައެވެ. އެގޮތުން ވާރޭވެހޭނެ މިންވަރަށް ބަލާއިރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. ނަމަވެސް، އެންމެ ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމު މިންވަރަށް ވުރެ މަދުން ކަމަށް އެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މޫސުމަށް މިފަދަ ބަދަލުތަކެއް އަންނަނީ ޕެސިފިކް ކަނޑުގައި "އެލްނީނޯ" ގެ ބާރު ގަދަވަމުންދިއުމުގެ ސަބަބުންނެވެ. އެގޮތުން އިރުމަތީ އިކުއިޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައެވެ. އަދި ޖައްވާއި ކަނޑުގެ ހާލަތުން ވެސް އެލްނީނޯގެ އަސަރުތައް ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް މެޓުން ވިދާޅުވިއެވެ.

މެޓުން އިތުރަށް ވިދާޅުވީ އެލްނީނޯގެ ހާލަތު އެ އިދާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވެ، ރާއްޖޭގެ ފަރުތަކުގެ ދިރުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވުމަކީ އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާނެ މައިގަނޑު އެއް އަސަރު ކަމަށް ވެސް މެޓުން ވަނީ ހާމަކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް