ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 4 މަހުން 149 މިލިއަނަށްވުރެ ގިނަ ރުފިޔާ

2025 ވަނަ އަހަރުގެ ފަހު ހަތަރު މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައްކާކުރެވިފައިވާކަން އެ ފަންޑުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

30 ސެޕްޓެމްބަރު 2025 އިން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން، އެ މުއްދަތުގައި ފަންޑަށް ޖުމްލަ 157,827,372 (ސަތޭކަ ފަންސާސް ހަތް މިލިއަން އަށް ލައްކަ ހަތާވީސް ހާސް ތިން ސަތޭކަ ހަތްދިހަ ދެ) ރުފިޔާ ލިބިފައިވެއެވެ.

އަދި 8,571,150 (އަށް މިލިއަން ފަސް ލައްކަ ހަތްދިހަ އެއްހާސް ސަތޭކަ ފަންސާސް) ރުފިޔާ ހަރަދުކުރުމަށްފަހު، އަހަރު ނިމުނުއިރު ފަންޑުގެ ބާކީގެ ގޮތުގައި 149,256,222 (ސަތޭކަ ސާޅީސް ނުވަ މިލިއަން ދެ ލައްކަ ފަންސާސް ހަ ހާސް ދުއި ސައްތަ ބާވީސް) ރުފިޔާ ހުރިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން 19 މާޗު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވި މި ފަންޑު ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އޭގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް