އަންހެނުންނަކީ ޤައުމެއްގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމަށާއި، ޤައުމެއް އާރާސްތުކުރުމުގެ ހިންމަތާއި މިންނަތުގެ ޖޯޝާއި ވިންދަކީ އަންހެނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ ވިލުންތެރިކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ކަމެއް ކަމަށާއި، ޤައުމެއް ބިނާކުރުމާއި ތަރައްޤީކުރުމުގައި އަންހެނުންގެ ޤާބިލުކަން އިތުރުކުރުމަކީ ތަރައްޤީގެ މައިގަނޑު ބިންގާ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން އަންހެނުންނަށް ޢަމަލީ އަދި ފިކުރީ އެތައް ހުނަރުތަކަކާއި މަޢުލޫމާތުތަކެއް ލިބިގެންގޮސްފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ގޭތެރޭގައި ދިމާވާ ކަންކަމަށް އީޖާދީ ޙައްލު ހޯދުމަށާއި އިޖުތިމާޢީ އަދި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިވުމަށް މަގުފަހިވާނެ ކަމަށް ފާހަގަކުރެއްވިއެވެ.
"މި ޕްރޮގްރާމުން ޢަމަލީ އެތައް ހުނަރެއް އަންހެން ބޭފުޅުންނަށް ލިބިވަޑައިގެންފި. ހަމައެއާއެކު ޢިލްމީ އެތައް މަޢުލޫމާތެއް ހާސިލުކުރައްވައިފި. ފިކުރީ ޢަމަލީ އެތައް ޤާބިލުކަމެއް ހޯއްދަވައިފި. މި ކަންކަމުގެ ނަތީޖާއަކަށް ވާނީ ރަނގަޅު މަންފާ ހުރި އެތައް ކަމެއް. އޭގެ ތެރޭގައި ގޭތެރޭގައި ދިމާވާ އެކިއެކި ކަންކަމަށް ޙައްލު ހޯދުން، ކަންކަމުގެ އީޖާދީ ވިސްނުން އިތުރުވުން. އަދި އިޖުތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުންނަށް ޙައްޤުވާ ބާރުވެރިކަން އުފެދިގެން އައުން. އަންހެނުންނަކީ ޤައުމުގެ އިޖްތިމާޢީ ހަށިގަނޑުގެ އެއްބައިކަމަށް ވާއިރު، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ ކަމުގެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ" ފަސްޓްލޭޑީ ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި އިސްލާމީ ތާރީޚުންނާއި ދިވެހި ތާރީޚުން އަންހެނުންގެ ދައުރު ފާހަގަކުރައްވަމުން ވިދާޅުވީ، ދުނިޔޭގެ ބައެއް މުޖުތަމަޢުތަކުގައި ސަގާފަތާއި އެހެނިހެން ސަބަބުތަކާ ހުރެ އަންހެނުންނަށް ބޭއިންސާފުވެފައި ވީނަމަވެސް، އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ޢަދުލު ޤާއިމުކޮށްދީފައި ކަމަށެވެ. އެގޮތުން ޚަދީޖަތުގެފާނުގެ ވިޔަފާރިއާއި ހިންގުންތެރިކަމާއި، އަސްމާ ރަޟިޔަﷲ ޢަންހާގެ ހިތްވަރުފުޅާއި، އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޢިލްމީ ޚިދުމަތްތަކަކީ މަތިވެރި މިސާލުތަކެއް ކަމުގައި ބަޔާންކުރެއްވިއެވެ.
ދިވެހި ތާރީޚަށް އަލިއަޅުއްވާލައްވަމުން ސާޖިދާ މުހައްމަދު ވިދާޅުވީ، ދިވެހި ރަސްކަމުގެ ޒަމާނުގައި ވެސް އަންހެނުންނަށް ޚާއްސަ މަޤާމުތަކާއި ލަފާދިނުމުގެ ފުރުޞަތުތައް އޮތް ކަމަށެވެ. އަދި ކަނޑު ދަތުރުފަތުރުގެ ޢިލްމުގައި ދިވެހި އަންހެން މުޢައްލިމާއިން ތިއްބެވިކަމާއި، ޤައުމީ ޖިހާދީ މައިދާނުގައި ވެސް ކަނބައި އައިސަ ފަދަ ކަނބަލުން ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވެ، ޤައުމު ބިނާކުރުމުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.





