މުޖުތަމަޢު އިޞްލާޙުކުރުމަކީ އެންމެންގެ ޒިންމާއެއް: ޚުޠުބާގައި މުހިންމު ނަޞޭޙަތްތަކެއް ދީފި

މުޖުތަމަޢުގައި އުފެދެމުންދާ އިޖުތިމާޢީ އަދި އަޚުލާޤީ މައްސަލަތައް އިޞްލާޙުކުރުމަކީ ވަކި ފަރުދަކަށް އެކަނި އޮތް ކަމެއް ނޫންކަމާއި، އެއީ މުޅި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މައްޗަށް އޮތް ބޮޑު ޒިންމާއެއްކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙުތުބާގައި މާޒީގައި އަހަރެމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އަޚުވަންތަކަން ދެމެހެއްޓުމަށްޓަކައި، މިހާރަކަށް އައިސް މުޖުތަމަޢުން ފެންނަމުންދާ ނޭދެވޭ އާދަކާދަތަކުން ދުރުހެލިވުމަށް އިލްތިމާސްކުރިއެވެ.

ޚުޠުބާގައި އަލިއަޅުވައިލި އެންމެ މުހިންމު އެއް ކަމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، އެ މީހުންނަށް އިޙުސާންތެރިނުވުމުގެ މައްސަލައެވެ. މައިމީހާ ބަލިނިކަމެތިކަމުގެ މައްޗަށް ބަލިނިކަމެތިކަން ތަޙައްމަލުކޮށް، ދަރިން ބޮޑެތިކުރުމުން، އެ މައިންބަފައިން މުސްކުޅިވާ ދުވަހު ހޮސްޕިޓަލްތަކުގަޔާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގައި އެކަނިވެރިކޮށް ދޫކޮށްލުމަކީ ނުހަނު ހިތާމަހުރި ކަމެއްކަން ބަޔާންކުރިއެވެ.

މީގެއިތުރުން، މިސްކިތްތަކުގެ ޙުރުމަތް ކަނޑައި، ނަމާދުން އަދާކުރާ ރޫޙާނީ ފައިދާ ނަގައިލުމުގެ ގޮތުން މިސްކިތްތަކުގައި ޣީބަބުނުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު ބަހުން ވާހަކަދެއްކުން ފަދަ ކަންކަން ހުއްޓައިލުމަށް ވަނީ ގޮވައިލައިފައެވެ.  

އަދި ހަމައެހެންމެ، ނަމާދު އަޅައިފައި ކުޅިވަރުކުޅުމާއި ދުންޔަވީ ކަންކަމުގައި މަޝްއޫލުވުމާއި، ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށްވެސް ޚުޠުބާގައި އަލިއަޅުވައިލިއެވެ.

ކުޑަކުދިންގެ ހިޔާތަކުގައި އުޅޭ ކުދިންނާއި، އެކަނިވެރިކަމާއި މާޔޫސްކަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަމާއި އަޅައިލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރިއެވެ.  

މި ނަޞޭޙަތްތަކަށް ބާރުދިނުމުގެ ގޮތުން، ކީރިތި ރަސޫލާ ﷺ ގެ މުހިންމު ދެ ޙަދީޘްފުޅެއްގެ މާނަ ޚުޠުބާގައި ބަޔާންކުރެއްވިއެވެ. ފުރަތަމަ ޙަދީޘްފުޅަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމާއި އެކުވެރިކަމާ ގުޅޭ ޙަދީޘްފުޅެކެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވަނީ:

"މުސްލިމަކީ މުސްލިމެއްގެ އަޚާއެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ނުލާނެއެވެ."

މި ޙަދީޘްފުޅުގެ މުރާދަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އަނިޔާވެރިނުވުމާއި، ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ.  

ދެވަނަ އަށް އަލިއަޅުވައިލެއްވި ޙަދީޘްފުޅަކީ ޙަރާމް ތަކެތިން ދިރިއުޅުން ބިނާކުރުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މޫސާ ابن ޠަލްޙާ ނޫނީ ކަޢުބު ابن ޢުޖްރާގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެކެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވަނީ:

"ޙަރާމް އެއްޗެއް ކައިގެން، ނުވަތަ ޙަރާމް އެއްޗަކުން ލިބޭ އެއްޗެއް ކައިގެން، ހެދިބޮޑުވާ ހަށިގަނޑަކީ، ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެކެވެ."

މި ޙަދީޘްފުޅުގެ މުރާދަކީ ނުޙައްޤުން ފައިސާއާއި މުދާ ހޯދައި، އޭގެން އަމިއްލަ ހަށިގަނޑާއި އަނބިދަރިން ބަލަހައްޓައި ދިރިއުޅުން ބިނާކުރުމަކީ އާޚިރަތްދުވަހުން ނަރަކައިގެ ޢަޛާބު ލިބޭނެ ބިރުވެރި ކަމެއްކަން ހަނދާންކޮށްދިނުމެވެ. އެހެންކަމުން، މުޖުތަމަޢު ފަސާދައިން ރައްކާތެރިކޮށް، ސާފު އަޚުލާޤެއްގެ މަތީގައި ދެމިތިބުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް