ޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގެން، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރު ދެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތައް ޣައިރުޤާނޫނީކޮށް ހިޞާރުކުރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ އަމަލުތައް ހުއްޓުވުމަށް އެކަށޭނެ ފިޔަވަޅުތައް އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އިސްލާމީ އުއްމަތުގެ އުސޫލުތައް ދެމެހެއްޓުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ބޮޑު ޒިންމާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި ހައްގުތައް ހޯދައިދިނުމަށާއި، 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، 1976 އިން ފެށިގެން އޯއައިސީގެ މެންބަރެއްގެ ގޮތުގައި އޮތް ރާއްޖެއާއި އެ ޖަމިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުމާ މެދުވެސް މަޝްވަރާ ކުރެއްވިއެވެ.





