ޖަރުމަންވިލާތުގެ ކުންފުނިން ރާއްޖެއަށް ފޯރުކޮށްދޭ "ޕާސްޕޯޓް ބުކްލެޓް" ސްޓޮކް ލިބުން ލަސްވުމާ ގުޅިގެން، ދިވެހި ޕާސްޕޯޓް ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ޕާސްޕޯޓް ފޯރުކޮށްދޭ އެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް، އަންދާޒާކުރި މުއްދަތަށް ވުރެ ގިނަ ދުވަސް ހޭދަވުމުގެ ސަބަބުން އާ ސްޓޮކް ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެހެންކަމުން، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ވަގުތީ ބަދަލުތަކަކަށް އަމަލުކުރަން ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް އާ ބުކްލެޓެއް ދޫކުރުމުގެ ބަދަލުގައި، އެ މީހުން މިހާރުގެ ޕާސްޕޯޓުގެ މުއްދަތު 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދާ ފަރާތްތަކަށް "އެމާޖެންސީ ޕާސްޕޯޓް" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކޯއޯ) ގެ މިންގަނޑަށް ފެތޭ، 1 އަހަރުގެ މުއްދަތަށް ދޫކުރާ 8 ސަފްހާގެ މި މެޝިން ރީޑަބަލް ޕާސްޕޯޓާއި، މުއްދަތު އިތުރުކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެވޭނީ އެއްވެސް ފީއަކާ ނުލައެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް އެއްވެސް މައްސަލައެއް ނުޖެހި ޕާސްޕޯޓް ފޯރުކޮށްދިން ކުންފުންޏަށް ދިމާވި މި މައްސަލައާ ގުޅިގެން އުސޫލުތަކަށް ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެހިރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.





