"ރައްޔިތުންގެ އަޑު" ޕްރޮގްރާމް: އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިލްސިލާކޮށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވި ގިނަ އަދަދެއްގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައީސަށް ހުށަހެޅުއްވީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ކުއްޔަށް އުޅެމުންދާ ފަރާތްތަކާއި، ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުސަތު ގެއްލިފައިވާ ފަރާތްތަކުން ވަނީ އެމީހުންގެ ދަތި ހާލަތު ބަޔާންކޮށްފައެވެ.

މި ޕްރޮގްރާމުގައި ވާހަކަދެއްކި ބައެއް އަންހެނުންނާއި، މާލޭގައި 49 އަހަރު ވަންދެން އުޅެފައިވާ ފުވައްމުލަކު ފިރިހެނަކު ވަނީ އެތައް އަހަރެއް ވަންދެން އެކި ސްކީމްތަކަށް ކުރިމަތިލީ ނަމަވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާތީ އެކަމުގެ ދެރަޝަކުވާ ހިއްސާކޮށްފައެވެ. އަދި ހިޔާ ފްލެޓް ލިބުނު ކަމުގެ ލިޔުން ލިބުމަށްފަހު ފްލެޓް އަތުލާފައިވާ މައްސަލަތަކާއި، ކުޑަކުޑަ ތަންކޮޅެއްގައި ގިނަ އާއިލާތަކެއް އެކުގައި ދިރިއުޅެންޖެހުމުގެ ސަބަބުން ދިމާވާ ދަތިތައްވެސް ސީދާ ރައީސް މުއިއްޒުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން 4،000 ފްލެޓާއި، އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ޖޫން 15 ގެ ނިޔަލަށް "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު (ފްލެޓަށް 35،930 އަދި ގޯއްޗަށް 22،575 ފޯމު) ވަނީ ހުށަހަޅާފައެވެ. ސަރުކާރުން މިހާރު ދަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް