އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަދި ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ޖިސްމާނީ ބޮޑު ގެއްލުމެއް ދޭން އުޅޭކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިގެން، އެ މައްސަލަ ފުލުހުންގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ފެތުރެމުންދަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެންބަރު ކުޑޫ ވަނީ އޭނާއާއި އާމިރު ސަލީމަށް ބޮޑު ނުރައްކަލެއް އޮތްކަން ހާމަކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި، މި ނުރައްކާތެރި މައުލޫމާތު ލިބުމާ ގުޅިގެން އެކަން ބަލައިދިނުމަށް އެދި އިއްޔެ މަންދުރު 01:43 ގައި ފުލުހުންގެ އިދާރާއަށް ސިޓީއެއް ވަނީ ފޮނުއްވާފައެވެ. ނަމަވެސް، ސިޓީ ފޮނުވިތާ 24 ގަޑިއިރު ވާން އުޅޭއިރުވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މަޖިލިސް މެންބަރަކަށް މިފަދަ ބޮޑު ނުރައްކަލެއް އޮތްކަން ހުށަހެޅުމުންވެސް ފުލުހުން ފަރުވާކުޑަކުރާނަމަ، އާންމު ރައްޔިތަކު ހުށަހަޅާ މައްސަލަތައް ފުލުހުން ބަލާނީ ކޮން އިރަކުތޯ ވިދާޅުވެ ކުޑޫ ވަނީ ސުވާލު އުފެއްދަވާފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ގެއްލުމެއް ދޭން އުޅޭކަން އެނގުމުން، އޭނާގެ ފަރާތުންވެސް އިއްޔެ ވަނީ ވަކިން އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ދިވެހިރާއްޖޭގައި މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމާއި، މަރުގެ އިންޒާރުތައް ދިނުމުގެ ތަފާތު ހާދިސާތައް ހިނގާފައިވާތީ، މިފަދަ މައްސަލަތަކަކީ ނުހަނު ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އާންމުން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް